ޞިއްޙީ މަރުކަޒެއްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ ރަށަކަށް ކ.ކާށިދޫ!
ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި.
މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފައްޓަވާ ދެއްވީ ވަޒީރު ޤީލާ ޢަލީ އެވެ.
ވަޒީރު ވިދާލުވިގޮތުގައި މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވެގެންޔަ ކަމެކެވެ. އަދި މިއީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
-1791643072234.webp)
ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ފިޒިއޯތެރަޕީގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމެވި ރަށެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ޞިއްޙީ މަރުކަޒަކުން ތެރެއިން ފިޒިއޮތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ ރަށްކަމަށެވެ.
"އުމުރުން ދުވަސްވުމުން ދިމާވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ފިޒިއޮތެރަޕީއަކީ ބޭނުންތެރި ފަރުވާއެއް. މި ޚިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން މީގެ ކުރިން ކާށިދޫގެ ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ކުޑަކަމެއް ނޫން. ދަތުރުފަތުރުގެ ދަތިކަމާ މާލެއަށް ކުރަން ޖެހޭ ބޮޑެތި ޚަރަދުތައް ކުރަން އުފުލަންޖެހުނު ބޮޑު ބުރައެއް. ނަމަވެސް ރަށުގައި މި ޚިދުމަތް ޤާއިމްކުރެވުމުން ދިއުމަކީ އެދަތިކަމަށް ލުޔެއް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް." ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މިފަދަ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ މުޅި ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.

މި ޚިދުމަތުގެ ސަބަބުން އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ރަށުގައި އާޢީލާގެ ގާތުގައި ތިބެގެން ފަރުވާ ކުރިއަށްގެންދިޔުމުގެ މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޤީލާ ވަނީ ކާށިދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާ ޚިދުމަތް ދެމުންދާގޮތާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ހުރި ދަތިތައް އޮޅުންފިލުވާފައެވެ.

ކާށިދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެކެވެ. ދުވާލެއްގެ މައްޗަށް 25 އާއި 30އާ ދެމެދުގެ މީހުންނަށް ފަރުވާދޭއިރު ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް 8 އެނދު ހުރެއެވެ. މި ޞިއްޙީ މަރުކަޒުން ޑޮކްޓަރަށް ދެއްކުމާއި ލެބޯޓަރީގެ ޚިދުމަތުގެ އިތުރުން އީސީޖީގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެކްސްރޭގެ ޚިދުމަތާއި ސްކޭންގެ ޚިދުމަތް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު މާލޭ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން 10 ތަނެއްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދިޔައީ ފޯރުކޮށްދެމުންނެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، މުލީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލައް ހޮސްޕިޓަލް އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލެވެ.
މި ޚިދުމަތް އަތޮޅުތަކުގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާށިދޫ ހިމެނޭހެން އިތުރު 5 ރަށެއްގައި މިހާރު ޚިދުމަތް ވަނީ ފަށާފައެވެ. އެގޮތުން ކާށިދޫގެ އިތުރުން، މާފުށީ ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް އަންނަނީ ދެމުންނެވެ.
