logo
banner image

ނަފުސާނީ ބަލިތަކުގެ ތަސައްވުރު ބަދަލުކޮށް، އެހީތެރި މާހައުލެއް ޤާއިމުކުރަންޖެހޭ - ފަސްޓް ލޭޑީ

ނަފުސާނީ ބަލިތަކާ ގުޅުވައިގެން ގެންގުޅޭ ނުބައި ތަސައްވުރުތައް ނައްތާލައި، އެންމެންގެ އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންނަށް ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި، އަޅުގަނޑުމެންގެ ވަށައިގެންވާ މީހުންގެ ސަބަބުން ބައްޓަންވަމުންދާ ކަމެއްކަމަށެވެ. އެއީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ގޭބިސީތަކާއި، މަދަރުސާތަކާއި، މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި މުޖުތަމައުގެ ތެރެއިން ބައްޓަންވަމުން އަންނަ ކަމެއްކަމަށް ވިދާޅުވިއެވެ. އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައި، އެހީތެރިކަން ފޯރުކޮށްދޭ ގޮތުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަތުވެދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، ނަފްސާނީ ދަތިތަކާ ކުރިމަތިލަމުންދާ ފަރާތްތަކަކީ، ހަގީގީ އެހީތެރިކަމަކީ ކޮބައިކަން އެންމެ ފުރިހަމައަށް ބުނެދެވޭނެ ފަރާތްތައްކަން ބަލައިގަންނަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ނަފުސާނީ ދުޅަހެޔޮކަމާ މެދު މުޖްތަމައު ގެންގުޅޭ ވިސްނުމާއި ބަސްމަގު ބަދަލުކޮށް، އެހީތެރިކަން ހޯދުމަށް ހިތްވަރުދީ، ބޭނުންވާ ކޮންމެ މީހަކަށްމެ އެހީތެރިކަން ލިބެންހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.