ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ކުރިއާލާ އިންޒާރުދޭ ނިޒާމެއް ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި މަޝްވަރާކޮށްފި
ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ޖަޒީރާ ޤައުމަކަށް ވުމާއެކު، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ އަދި ރައްޔިތުންގެ ޙާޖަތްތަކަށް އިސްކަންދޭ ކުރިއާލާ އިންޒާރުދޭ ނިޒާމެއް (people-centred Early Warning System) ހަރުދަނާކުރުމުގެ ގޮތުން ޚާއްޞަ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ކާރިސާތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ބޭއްވި މި ބައްދަލުވުމަކީ "ނޭޝަނަލް އާރލީ ވޯނިންގ ރޯޑްމެޕް ކޯޑިނޭޝަން މީޓިންގ" އެވެ. މި ބައްދަލުވުމުގައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން ވަނީ އެއް މޭޒަކަށް އެއްވެ، ކުރިއާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގައި އިސްކަންދޭންވީ މުހިންމު ކަންކަން އެއް މިސްރާބަކަށް ގެނައުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި މި މަސައްކަތްތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށްޓަކައި ހަރުދަނާ މަގުޗާޓެއް (roadmap) އެކުލަވައިލުމަށް މުހިންމު ނިންމުންތަކެއް ވެސް ވަނީ ނިންމާފައެވެ.

އެކުލަވައިލުމަށް ނިންމާފައިވާ މި މަގުޗާޓުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:
މޫސުމީ ވިލުންތެރިކަން (Climate Resilience) އިތުރުކުރުން: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކަށް ވިލުންވެރި، އަދި ކެތްތެރި މުޖުތަމަޢެއް ބިނާކުރުން.
ހިރާސްތަކަށް ބިނާކޮށް ފިޔަވަޅުއެޅުން (Risk-informed Action): ލިބެންހުރި ސައިންޓިފިކް މަޢުލޫމާތާއި ޑޭޓާގެ އަލީގައި، ކުރިމަތިވެދާނެ ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަންކަމަށް ރިޢާޔަތްކޮށް ރޭވުންތެރިކަމާއެކު ދުރާލާ ފިޔަވަޅުތައް އެޅުން.
އެންމެ ފަހު މީހާއާ ހަމައަށް އިންޒާރު ފޯރުކޮށްދިނުން (Last-mile Early Warnings): ރާއްޖޭގެ އެންމެ ދުރު ރަށްރަށާއި، ވަކިން ދިރިއުޅޭ ރައްޔިތުންނާ ހަމައަށް ވެސް، އެއްވެސް ލަސްވުމެއްނެތި، ފަސޭހައިން ދޭހަވާނެ ގޮތެއްގައި ކާރިސާގެ އިންޒާރުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުން.
މިއަދު ބޭއްވުނު މި ބައްދަލުވުމަކީ ރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ޤައުމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ރައްކާތެރި އަދި އަމާން މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި އެޅުނު ވަރަށް މުހިންމު، އުންމީދީ ފިޔަވަޅެކެވެ.
