ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
ދިވެހިރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް (ބީ.ޓީ.އާރް) އެކުލަވާލުމުގެ ތައްޔާރީތަކުގެ ތެރެއިން، ކްލައިމެޓް ޗޭންޖް މިޓިގޭޝަން ޓެކްނިކަލް ވޯކިންގ ގްރޫޕުގެ މުހިންމު ބައްދަލުވުމެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ޒިންމާތައް ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤައުމީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން އެކުލަވާލަންޖެހޭ މި ރިޕޯޓަކީ، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ތައްޔާރުކުރާ ރިޕޯޓެކެވެ.
މި ބައްދަލުވުމުގައި ކަމާބެހޭ އިދާރާތަކުގެ ޓެކްނިކަލް މާހިރުން ބައިވެރިވެވަޑައިގެންފައިވާއިރު، ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި، ގްރީންހައުސް ގޭސް ދޫކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، މިޓިގޭޝަން ނުވަތަ ގެއްލުން ކުޑަކުރުމުގެ ދާއިރާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މިފަދަ ޓެކްނިކަލް މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން އެކުލަވާލާ ދެވަނަ ބީ.ޓީ.އާރް ރިޕޯޓަކީ ސައްޙަ، ފުރިހަމަ އަދި އިތުބާރުހުރި މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާވެފައިވާ ފެންވަރު ރަނގަޅު ރިޕޯޓަކަށް ހެދުމެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަކީ މި މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ.
