logo
banner image

ޖަނަވާރުންގެ ސިއްހަތާ ގުޅުންހުރި ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

"ޖަނަވާރުންގެ ސިއްހަތާ ގުޅުންހުރި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުން" މި މައުޟޫއަށް މަސައްކަތު ބައްދަލުވުމެއް ބާއްވާފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ބައްދަލުވުމުގައި ޖަނަވާރުންގެ ސިއްހީ ނުރައްކާތަކަށް ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރު ހަރުދަނާކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިވެރިވާ ޖަމިއްޔާތަކުން ޖުމްލަ 24 ފަރާތަކުން ބައިވެރިވިއެވެ.

އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އާއި ޕެންޑެމިކް ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ އިލްމު މުއްސަނދިކުރުމާއި، ގައުމީ ފެންވަރުގައި މިފަދަ ކަންކަމަށް ތައްޔާރުވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ.

މީގެ އިތުރުން، "ނޭޝަނަލް އެނިމަލް ހެލްތު އެމަޖެންސީ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް މި ބައްދަލުވުމުގެ ތެރެއިން ވަނީ ފަށާފައެވެ.

މި ބައްދަލުވުމުގައި "ވަން ހެލްތު" އުސޫލު ކުރިއެރުވުމަށް ބާރުއަޅާފައިވެއެވެ. މިގޮތުން ޖަނަވާރުންގެ ސިއްހަތާއި، އިންސާނުންގެ ސިއްހަތާއި، ތިމާވެށި އަދި ކާރިސާތަކާ ބެހޭ ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.