މޫސުމީ ބަދަލުތަކަށް ހޭނުމަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމުގައި ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށްފި
ފިޖީގެ ނާދީގައި މިހާރު ކުރިއަށްދާ ޕްރީ-ކޮޕް ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ހާއްސަ އިވެންޓެއްގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ހޯދުމުގައި ރާއްޖެއިން ކޮށްފައިވާ ތަޖުރިބާތައް ހިއްސާކޮށްފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އާއިޝަތު އައިލީން ނިޔާޒް މި ތަޖުރިބާތައް ހިއްސާކުރެއްވީ، ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ "އީ3ޖީ" (E3G) އިން އިންތިޒާމުކޮށްގެން ބޭއްވި ހަވާސާ އިވެންޓުގައެވެ. މި އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ "އެކްސްޕޭންޑިންގ އެކްސެސް ޓު ޕްރައިވެޓް ފައިނޭންސް ފޯ ސިޑްސް އެންޑް އެލްޑީސީސް" މި މައުޟޫޢުގެ ދަށުންނެވެ.
މި އިވެންޓުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ އައިލީން ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށާއި (ސިޑްސް) އަދި އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް (އެލްޑީސީސް) މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ފައިނޭންސް ހޯދުމުގައި ދިވެހިރާއްޖެއިން އަމަލުކުރަމުންދާ ގޮތްތަކާއި، ދިމާވާ ގޮންޖެހުންތައް އަދި ހޯދިފައިވާ ކާމިޔާބީތައް އޭނާ ބައިވެރިންނާ ހިއްސާކުރެއްވިއެވެ.
މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ނުހަނު މުހިންމު ކަމަކަށްވާއިރު، މި ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މަސައްކަތްތައް ފާހަގަކުރެވިގެން ދިޔައެވެ.
