ސަދަން އޭރިއާ ކޮމާންޑުން، ޝަރަފުއްދީން ސްކޫލުގައި ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޝަރަފުއްދީން ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ޚާއްޞަ ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ސްކޫލުގައި ބޭއްވި މި ހަރަކާތުގައި ޓީޗަރުންނާއި ބެލެނިވެރިން ހިމެނޭހެން ޖުމްލަ 117 ފަރާތަކުން ބައިވެރިވިއެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޓީޗަރުން ކްލާސްރޫމް މާހައުލުގައި ހޭދަކުރާ ވަގުތުތަކަށް އުފާވެރި ބަދަލެއް ގެނެސްދިނުމާއި، ޓީޗަރުންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރި މާހައުލެއްގައި އެންމެން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
މި ހަރަކާތުގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުމަށް މަގުފަހިކޮށްދޭ 12 ޓީމް ބިލްޑިންގ ޓާސްކެއް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.
ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންގެ ފުރިހަމަ އެހީތެރިކަމާއެކު ކުރިއަށްދިޔަ މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
