އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު އިރުތިޝާމް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
އދ.ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފްތާ ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. ރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު މުޙައްމަދު ޙުސައިން ލަޠީފް އެވެ. މި ސެޕްޓެމްބަރު މަހުގެ 22 އިން 28 އަށް އދ.ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު 25 ވަނަ ދުވަހު އދ.ގެ ޢާންމު ބަހުސްގައި ދެއްވި ތަޤުރީރުގެ މެސެޖުތައް ކުރިއަށް ނެރުއްވައި، ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މިނިސްޓަރ އިރުތިޝާމް ވަނީ އެކި ބައްދަލުވުންތަކުގައި ވަކާލާތު ކުރައްވާފައެވެ.
މީގެއިތުރުން، ތަރައްޤީވުމުގެ ޙައްޤާ ބެހޭގޮތުންނާއި، ބަލިމަޑުކަމުން ރައްކާތެރިވުމާއި އެކަމަށް ތައްޔާރުވެފައި އޮތުމާ ގުޅޭގޮތުން ބޭއްވި ހައި-ލެވެލް ބައްދަލުވުންތަކުގައި، ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ މުސްތަޤުބަލު އަމިއްލައަށް ބިނާކުރުމުގެ މިނިވަންކަމާއި ފުރުޞަތު ފަހިވެފައިވާ ބައިނަލްއަޤުވާމީ މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.
މިނިސްޓަރ އިރުތިޝާމް ވަނީ ޓެކްނޮލޮޖީ ޓްރާންސްފާއާއި، ދެމެހެއްޓެނިވި ސަޕްލައި ޗެއިންތަކާއި، ފަސޭހައިން ލިބޭނޭ މާލީ އެހީތެރިކަމާއި، އެންމެން ހިމެނޭހެން ބިނާކުރެވޭ ޑިޖިޓަލް މުސްތަޤުބަލެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން، އދ. ގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި، ނަތީޖާ ނެރެވޭނެ މަސައްކަތްތަކަށް އިސްކަންދިނުމާއި، ސަލާމަތީ މަޖިލީހަކީ ހުރިހާ ޤައުމެއްގެ ތަމްސީލުވުން އެކުލެވޭ ތަނަކަށް ހެދުމާއި، ދުނިޔޭގެ މާލީ ނިޒާމުތައް މިހާރަށްވުރެ އިންސާފުވެރި ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. މީގެ އިތުރުން، ސުލްހަޔާއި ސަލާމަތަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށާއި، އަންހެނުންގެ ލީޑަރޝިޕް އިތުރުކުރުމަށް ބާރުއެޅުއްވިއެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަދި ޖީ-77 އާއި ޗައިނާގެ އަހަރީ ކޯޑިނޭޝަން ބައްދަލުވުންތަކުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަން އެކަމަނާ އަލުން ކަށަވަރުކޮށްދެއްވިއެވެ. ހައި ލެވެލް ހަފްތާގެ ތެރޭގައި، އެކި ޤައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި، އެކުވެރިކަމާއި ގުޅިގެން މަސައްކަތްކުރުމުގެ މަޤްސަދުގައި ދެފަރާތުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވަނީ ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިޔުކޭޝަންގެ ފަރާތުން އދ.ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ހަރަކާތްތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުންތަކުގައި، ފެންވަރު ރަނގަޅު ތަޢުލީމު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، އެކަމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ދައުރުގެ ހައިލެވެލް ބައްދަލުވުންތަކުގެ ހަފުތާގައި، ދުނިޔޭގެ ލީޑަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެން، "ރިސްޓޯރިންގް ޓްރަސްޓް، މެނޭޖިންގް ޓްރާންސްފޯމޭޝަން: އަ ޔުނައިޓެޑް ނޭޝަންސް ދެޓް ޑެލިވާސް ފޯ އޯލް"، މި ޝިއާރުގެ ދަށުން މަޖިލީހުގައި ތަގުރީރުކުރެއްވިއެވެ.
