ށ. ފަރުކޮޅު ހިމާޔަތްކުރުމާއި ތިމާވެއްޓާ ގުޅޭގޮތުން ފުނަދޫގެ އާންމުން ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި
ތިމާވެށީގެ ނިޒާމުތަކާއި ކެޓެނޭޓް (CATENATE) ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު، ދަރިވަރުންނަށް ފަހު ށ. ފުނަދޫގެ އާންމު ރައްޔިތުންނާ ހިއްސާކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތުގައި ތިމާވެއްޓާއި އޭގެ ގުދުރަތީ ނިޒާމުތައް ހިނގާ ގޮތުގެ މައުލޫމާތުގެ އިތުރުން، ކެޓެނޭޓް ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ލިބިފައިވާ ކުރިއެރުންތައް ވަނީ އާންމުންނާ ހިއްސާކޮށްފައެވެ. މީގެއިތުރުން، ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ށ. ފަރުކޮޅު ބެލެހެއްޓުމާއި މެނޭޖްކުރުމަށް ރޭވިފައިވާ މުހިންމު ޕްލޭންތަކާ ގުޅޭގޮތުން ވެސް މި ސެޝަންގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ދީފައެވެ.
ކެޓެނޭޓް ޕްރޮޖެކްޓްގެ ހަރަކާތްތައް ފުނަދޫގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެ ރަށު ކައުންސިލުން ދެއްވާ އެއްބާރުލުމާއި އަދާކުރައްވާ އިސް ދައުރު މި ބައްދަލުވުމުގައި ޕްރޮޖެކްޓް ޓީމުން ވަނީ ޚާއްސަކޮށް ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލާއެކު އޮތް މި އަގުހުރި ގުޅުން މިގޮތުގައި ދެމިއޮންނާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ޓީމުން ބުންޏެވެ.
މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކީ ރަށުގެ ގުދުރަތީ ވެއްޓާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރައްކާތެރިކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމަށް ރައްޔިތުން އަހުލުވެރިކުރުވުމެވެ.
