logo
banner image

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބ.ކިހާދުގައި "މޫދު ކަސްރަތު" ޕްރޮގްރާމް ހިންގައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ބ.ކިހާދޫ ކައުންސިލް އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ބ.ކިހާދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން އެ ރަށުގައި "މޫދު ކަސްރަތު" ޕްރޮގްރާމް ހިންގައިފިއެވެ.

އޮގަސްޓް 31އިން ފެށިގެން 21 ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމުގައި އެ ރަށުގެ 75 ކަނބަލުން ޕްރޮގްރާމް ފުރިހަމަކުރައްވާފައި ވެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މި މަހުގެ 23ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން ކޮމާންޑަރ، ލެފްޓިނެންޓް މުޙައްމަދު އިމާދެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު ކައުންސިލާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް ވަނީ ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްފައެވެ.

މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މައުލޫމާތުދީފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިންނަށް އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިޕާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަޙްލާޤާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައި ވެއެވެ.

ބ.ކިހާދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އިންސްޓްރަކްޓަރުންނެވެ.