އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނާޝިޕްގެ 8 ވަނަ ޓެކްނިކަލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
މެލޭޝިއާގެ ސަބާހުގައި ބޭއްވި އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނާޝިޕް (އޭޕީއޭޕީ) ގެ 8 ވަނަ ޓެކްނިކަލް ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިރެކްޓަރ، އަލްފާޟިލާ މުޙުސިނާ ޢަބްދުއްރަޙްމާނެވެ.

މި ފަހަރުގެ ބައްދަލުވުމުގެ މައިގަނޑު މައުޟޫޢަކަށް ކަނޑައަޅާފައިވަނީ ގުޅުންތަކާއި، އައު އީޖާދުތަކާއި އަދި ސަރަޙައްދުތައް ހިމާޔަތްކުރުމުގެ ހަރުދަނާ އުސޫލުތައް މެދުވެރިކޮށް އޭޝިއާ ސަރަޙައްދުގައި ފެންވަރު ރަނގަޅު ގޮތެއްގައި 30×30 ގެ ލަނޑުދަނޑި ހާސިލުކުރުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި މި ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނާޝިޕް (އޭޕީއޭޕީ) އަކީ ސަރަޙައްދީ ގައުމުތަކުގެ ސަރުކާރުތަކަށާއި ބައިވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް، ހިމާޔަތްކޮށްފައިވާ އަދި ބަލަހައްޓާ ސަރަޙައްދުތަކާ ގުޅޭ ތަޖުރިބާތައް ހިއްސާކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ. މީގެ އިތުރުން މި ޕްލެޓްފޯމްގެ ސަބަބުން ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، ތިމާވެށި ހިމާޔަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދެއެވެ.

މިފަދަ ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ބާރެކެވެ.
