logo
banner image

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސް ވެރިންނާ މިނިސްޓަރު ޢަލީ ޝަރީފް ބައްދަލުކުރައްވައިފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ ރީޖަނަލް ހަބް ޑާކާގެ އިސްވެރިޔާ، މިސްޓަރ ޢަލީ މުޙައްމަދު ޚާން އަދި އެ ބޭންކުގެ އިސް ވަފުދަކާ، މިނިސްޓަރު ޢަލީ ޝަރީފް އަދި ވުޒާރާގެ އިސް ވެރިން މިއަދު އިޙްތިރާމުގެ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ދެމެދު މިހާރު ކުރިއަށްދާ ގުޅުންތަކާއި އެއްބާރުލުންތަކާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ތަރައްޤީގެ މުހިންމު އިސްކަންދޭ ދާއިރާތަކަށް އަމާޒުކޮށްގެން، ދެފަރާތުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވިދާނެ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރައްވައި އަލިއަޅުއްވާލެއްވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އައިއެސްޑީބީން ޒަމާނުއްސުރެ އަންނަނީ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.