ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު، އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފި
ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް، ރޭ ދަންވަރު 00:44ގައި ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތްކޮށްފައެވެ.
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެމީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ވަނީ ހަވާލުކޮށްފައެވެ.
