ސުނާމީ ކޮމިއުނިޓީ ރެޑިނަސް ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ކުޅުދުއްފުށި ސިޓީގައި ފަށައިފި
ޔުނެސްކޯ-އައިއޯސީ (UNESCO-IOC) ގެ ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ "ސުނާމީ ކޮމިއުނިޓީ ރެޑިނަސް ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން" ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ.
މި މަހުގެ 21 އިން 24 ގެ ނިޔަލަށް ކުރިއަށްދާ މި ވޯކްޝޮޕަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)، ކުޅުދުއްފުށި ސިޓީ ކައުންސިލް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) ގުޅިގެން އަދި ޔުނިސެފް މޯލްޑިވްސް ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އަލްފާޟިލާ ޢާއިޝަތު ޞަފޫރާ އާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު އަލްފާޟިލް މުޙައްމަދު އާޠިފް އެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކަމާބެހޭ މުހިންމު ފަރާތްތައް އެއްތަންކޮށް، ސުނާމީގެ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ކާރިސާތަކަށް މުޖުތަމައު ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުމެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ބިނާވެފައިވަނީ ޔުނެސްކޯ-އައިއޯސީ ގެ މިންގަނޑުތަކާ އެއްގޮތަށް، ސުނާމީގެ ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމާއި، އަދި އިޖާބަދިނުމުގެ ރޫހު ވަރުގަދަކުރުމުގެ މައްޗަށެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސުނާމީއަށް ތައްޔާރުވެފައިވާ މުޖުތަމައެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި އިންޑިކޭޓަރުތައް ފުރިހަމަކޮށް، ރަސްމީ ރެކޮގްނިޝަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.
މި ސެޝަންތަކުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ޕްލޭން އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ސުނާމީގެ ކާރިސާއެއްގައި އިޖާބަދޭނެ ގޮތް ބަޔާންކޮށް އެކުލަވާލާފައިވާ އެސް.އޯ.ޕީ ހުށަހަޅައި، އެ އެސް.އޯ.ޕީއަށް ބައިވެރިންގެ ފަރާތުން ކޮމެންޓްކޮށް ރިވިއުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން، ކުޅުދުއްފުށި ސިޓީ ސުނާމީއެއްގެ ހާލަތަށް ތައްޔާރުވެތިބުމަށްޓަކައި، ރަށުތެރޭގައި އަމިއްލަ ގޮތުންނާއި މުއައްސަސާތަކުގެ ތެރޭގައި ހުރި، ބޭނުންހިފޭނެ ފަދަ ވަސީލަތްތައް ދެނެގަނެ "ރިސޯސް މެޕް" ކުރުމުގެ މަސައްކަތްވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
