logo
banner image

ޔޫއެންއެފްސީސީސީގެ މާލީ ކޮމިޓީގެ މުހިންމު މަސައްކަތެއް ކޯ-ފެސިލިޓޭޓް ކުރެއްވުމުގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ ސްޓޭންޑިންގ ކޮމިޓީ އޮން ފައިނޭންސްގެ މެންބަރެއްގެ ހައިސިއްޔަތުން، މިނިސްޓްރީ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމެންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ މުހިންމު ރިޕޯޓެއް އެކުލަވައިލުމުގެ މަސައްކަތް ކޯ-ފެސިލިޓޭޓް ކުރައްވަން ފަށްޓަވައިފިއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި މިހާރު ކުރިއަށްދާ ސްޓޭންޑިންގ ކޮމިޓީ އޮން ފައިނޭންސްގެ ބައްދަލުވުންތަކުގެ ތެރެއިން އަމްޖަދު ޢަބްދުﷲ އިސްދައުރެއް އަދާކުރައްވަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބޭނުންތަކަށް އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ކުރިއެރުމާ ގުޅޭ ތިންވަނަ ރިޕޯޓް އެކުލަވައިލުމުގައެވެ. މިއީ މޫސުމީ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މާނަވީ މަސައްކަތްތަކާއި، ކަންކަން ތަންފީޒުކުރުމުގައި ދެފުށް ފެންނަ މިންވަރު ބަޔާންކޮށް އެކުލަވައިލެވޭ ރިޕޯޓެކެވެ.

މި ބައްދަލުވުންތަކުގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ގެ އިތުރުން ރާއްޖޭގެ ފަރާތުން ޑިރެކްޓަރ ޢާއިޝަތު އައިލީން ނިޔާޒް ވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މީގެއިތުރުން، ފެނުގެ ނިޒާމުތަކާއި ކަނޑުތަކަށް އަމާޒުކޮށްގެން މޫސުމީ ހަރަކާތްތަކަށް ފައިސާ ހޯދުމާ ގުޅޭގޮތުން ބޭއްވި "2026 ފޯރަމް އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮން ފައިނޭންސް" ގައި ރާއްޖޭގެ ވަފުދުން ވަނީ ބައިވެރިވެފައެވެ. މި ފޯރަމްގައި، ކަނޑުތަކާ ގުޅުންހުރި މޫސުމީ މަސައްކަތްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގައްޔާއި، ފައިސާ ޚަރަދުކުރުމުގައި ރާއްޖެއަށް ކުރެވިފައިވާ ތަޖުރިބާތައް ދިވެހި ވަފުދުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކޮށްފައެވެ.