logo
banner image

ރަސްމާލެއިން ބިމުން އެންމެ އަކަފޫޓެއްވެސް ނުވިއްކާނެ، ދޫކުރާނީ 99 އަހަރުގެ ލީޒް ރައިޓްސް: މާލީ ވަޒީރު

ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ތަންކޮޅެއް ބޭރުގެ އިންވެސްޓަރަކަށް ނުވިއްކާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ދެއްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ބޭރުގެ ބަޔަކަށް ނުވިއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މި މަޝްރޫޢު އަބަދުވެސް ކުރިއަށްދާނީ އެ ޕްލެޖްތަކާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖެއަށް ކޮންމެ އިންވެސްޓަރަކު އަޔަސް ވިސްނަންޖެހޭނީ ސަރުކާރުގެ މި އުސޫލުތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށްދާނީ ރާއްޖޭގައި މިހާރުވެސް އަމަލުކުރަމުންދާ ޤާނޫނީ އިމުގެ ތެރެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް މިހާރުވެސް ޤާނޫނުން 99 އަހަރުގެ ލީޒް މުއްދަތަކަށް ކުންފުނިތަކަށް ރަށްތަށް ދޭ ކަމަށާއި ރަސްމާލޭގައި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީވެސް އެ އުސޫލާ އެއްގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާއަށް ބިން ދޫކުރިޔަސް އަދި އެ ސަރަހައްދުގައި ހޮސްޕިޓަލްތަކާއި ލަގްޒަރީ ޕްރޮޕަޓީތައް ތަރައްޤީކޮށްގެން ވިއްކިޔަސް، ވިއްކާނީ އެ ޕްރޮޕަޓީއެއް ހުރި ބިމެއް ނޫނެވެ. އޭގެ ބަދަލުގައި ވިއްކޭނީ ހަމައެކަނި އެ ތަނެއްގެ "ލީޒް ރައިޓްސް" އެވެ. އެހެންކަމުން، ބިމުގެ އަސްލު މިލްކުވެރިކަން ނުވަތަ އޯނަރޝިޕް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ އަތްމަތީގައެވެ.

މި އުސޫލުގެ ސަބަބުން ދައުލަތުގެ މިލްކުވެރިކަމާއި ޤައުމީ ސިޔާދަތު މުޅިން ރައްކާތެރިކުރެވިގެންދާއިރު، ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން އިތުބާރާއެކު އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.