ކައްޗަލަ އެކްސްޕޯޓްކުރެވޭ މިންވަރާއި ހަމަތައް ކަނޑައަޅައި 7 ފަރާތަކަށް ކޯޓާ ދޫކޮށްފި
އެއް އަހަރުގެ މުއްދަތަކަށް ދިވެހިރާއްޖޭގައި ކުރާ ހުފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ އެކްސްޕޯޓްކުރެވޭ މިންވަރާއި ހަމަތައް ކަނޑައަޅައި 7 ފަރާތަކަށް ކޯޓާ ދޫކޮށްފިއެވެ.
ޕްރޮސެސިންގ ލައިސަންސް ނެގުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ކެޔޮޅު ޕޯޓަލް މެދުވެރިކޮށެވެ.
ދިވެހިރާއްޖޭގައި ކުރާ ހުފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ (Amberfish, Thelenota anax) އަކީ 2022 ވަނަ އަހަރުގެ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝިޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ (ސައިޓީސް) ބައްދަލުވުމުގައި އޭގެ އާބާދީ، ދައްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބުރަވެ، އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސް މުއާހަދާގެ ޖައުވަލު 2 ގައި ހިމަނާ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޭ ހުއްދައަކާއެކުއެވެ. ލިސްޓް ކުރެވިފައިވާ ބާވަތް އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ އެގައުމުގެ ސައިޓީސް ސައިންޓިޕިކް އޮތޯރިޓީ އިން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) އަކުން، އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން، ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްވުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން ކަނޑައެޅުމުންނެވެ.
މި ބާވަތުގެ ހުއިފިލަނޑާ ސައިޓީސް މުއާހަދާގެ ޖަދުވަލު 2 (ދޭއް) ގައި ހިމެނުމާ ގުޅިގެން ދިވެހިރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓު (އެމް.އެމް.އާރް.އައި) އިން މިހާރު ވަނީ އެބާވަތުގެ މަސްވެރިކަމުގެ އެން.ޑީ.އެފް. ތައްޔާރުކޮށް، ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީ ކަމުގައިވާ މިމިނިސްޓްރީއާ ހިއްސާކޮށްފައެވެ. މި އެން.ޑީ.އެފް. އިން މި ބާވަތުގެ ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި ކުރެވޭނެ މިންވަރާއި ހަމަތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މި ބާވަތުގެ ހުއިފިލަނޑާގެ ވިޔަފާރިއަށް (ހިއްކާފައިވާ މި ބާވަތުގެ ހުއިފިލަނޑާގެ) 10.95 ޓަނުގެ ކޯޓާއެއް 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ވަނީ ކަނޑައަޅާފައެވެ. އަދި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ހުއިފިލަނޑާ ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ކޯޓާ ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް އެ މިނިސްޓްރީން ކަނޑައަޅައި މިހާރުވަނީ އާންމުކޮށްފައެވެ.
އެހެންކަމުން، މިއަދުން ފެށިގެން 19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކައްޗަލަ (Amberfish, Thelenota anax) އެކްސްޕޯޓް ކުރުމަށް މެނޭޖްމަންޓް އޮތޯރިޓީގެ ހައިސިއްޔަތުން، މި މިނިސްޓްރީން ދޫކުރަންޖެހޭ ސައިޓީސް ޕަރމިޓް ދޫކުރާނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އެކުލަވައިލާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ޝަރުތުހަމަވާ ފަރާތްތަކަށް، އެން.ޑީ.އެފްއިން ކަނޑައަޅާފައިވާ (ހިއްކާފައިވާ މި ބާވަތުގެ ހުއިފިލަނޑާ) 10.95 ޓަނާ ހަމައަށެވެ.
މި ވުޒާރާއިން ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ހުއިފިލަނޑާގަނެ އެކްސްޕޯޓްކުރުމަށް 7 ފަރާތަކަށް ވަނީ ކޯޓާ ދޫކޮށްފައެވެ.
ކައްޗަލަ އެކްސްޕޯޓްކުރުމަށް ކޯޓާ ދޫކޮށްފައިވާ 7 ކުންފުނިތައް:
• އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
• އެސްއެމް އިންވެސްޓްމަންޓް
• މަލަކް އިންވެސްޓްމަންޓް
• ވިލިނގިލި ފިޝް ވިލެޖް
• ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
• ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
• ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
