މޫސުމީ ބަދަލުތަކާއި ހަކަތައިގެ ރައްކާތެރިކަމަށް ރާއްޖެއާއި އިނގިރޭސިވިލާތުން ގުޅުން ބަދަހިކޮށްފި
މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. މިކަމަށް އެއްބަސްވެފައިވަނީ 17 ސެޕްޓެމްބަރު 2026 ގައި ބޭއްވުނު "މޯލްޑިވްސް-ޔޫކޭ ސްޓްރެޓީޖިކް ޑައިލޮގް" ގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ އަލުން ކަށަވަރުކޮށްފައެވެ.
މީގެއިތުރުން، މޫސުމާއި، ހަކަތައާއި، ފެނާއި، ކުނި މެނޭޖްކުރުން އަދި ތިމާވެށި ރައްކާތެރިކުރުމަކީ އެކަންކަމާ ގުޅިލާމެހިފައިވާ ކަންކަން ކަމުގައިވުމުން، އެކަންކަމަށް ޖުމްލަ ޙައްލުތަކެއް ހޯދުމަށް ވަރުގަދަ ގުޅުމެއް ބޭނުންވާކަން ދެ ޤައުމުން ވަނީ ފާހަގަކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތިންވަނަ "ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް" (އެންޑީސީ) ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށާއި، ކްލައިމެޓް ފައިނޭންސަށް ވާސިލުވުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުން އަވަސްކުރުމަށާއި، މުޖުތަމަޢުތަކާއި ޤުދުރަތީ ވެށީގެ ވިލުންތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސީސް) ގެ ވަރުގަދަ އަޑެއްގެ ގޮތުގައި، ޔޫއެންއެފްސީސީސީ އާއި ޕެރިސް އެގްރީމެންޓްގެ ދަށުން ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ މަލްޓިލޭޓަރަލް ނިޒާމަކަށާއި ސިޑްސްގެ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ރާއްޖެއިން މި ބައްދަލުވުމުގައި ވަނީ ދީފައެވެ.
