logo
banner image

50 މިލިއަން ޑޮލަރުގެ ދަރަނި މިއަދު ޚަލާސްކޮށްފި، އަދި ތެލާއި ކާޑުގެ އިންތިޒާމުތައްވެސް ހުރީ ހަމަޖެހިފައި

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޒަރީ ބިލަކަށް ފައިސާ ދައްކައި ޚަލާޞްކުރުމާ ގުޅިގެން، ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް އަރުވަމެވެ.

މިއަދު ދައްކައި ނިންމި މި ފައިސާއަކީ، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެކި ފަހަރު މަތިން ކުރީގެ ރައީސް ސާލިޙުގެ ވެރިކަމުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ. މި ފެސިލިޓީގެ ތެރެއިން މި ސަރުކާރުން ވަނީ ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު، އަދި 11 މޭ 2024 ގައި އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. ބަޖެޓް ސަޕޯޓަށް ކުރީގެ ސަރުކާރުން ނެގި މި ދަރަނި، މިއަދުގެ ތާރީޚުގައި އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާއެކު މިހާރު ވަނީ އެއްކޮށް ޚަލާޞްކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި، އޯގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ.

މި ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ލިބުމަށް އެއްވެސް ދަތިކަމެއް ނާންނާނެއެވެ. ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހުގެ އިތުރުން މުހިންމު އެހެނިހެން މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖައްސާފައެވެ.

ޒަރޫރީ މުދަލާއި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ. އެހެންކަމުން، ދަރަނި އަދާކުރުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.

ދަރަނި ބެލެހެއްޓުމުގައި ގެންގުޅޭ ސިޔާސަތަކީ ދަރަނި އަދާކުރަންޖެހޭ ތާރީޚުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވުމެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުންވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ސަރުކާރުން ކުރަމުންދާނެއެވެ. މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އުންމީދު ކުރަމެވެ.