ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އައި.އޭ.އީ.އޭ. މެދިވެރިކޮށް ލިބެމުންދާ އެހީތެރިކަމަށް އައި.އޭ.އީ.އޭ ގެ ޖެނެރަލް ކޮންފަރަންސްގެ 70 ވަނަ ސެޝަންގައި ދިވެހިރާއްޖެ އިން މަރްހަބާ ކިޔައިފި
މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 14 އިން 18 އަށް އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައި.އޭ.އީ.އޭ.) ގެ ޖެނެރަލް ކޮންފަރަންސްގެ 70 ވަނަ ރެގިއުލަރ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވެއްޖެއެވެ. އެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

2025 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރަކަށް ވީ ފަހުން، އެ އެޖެންސީއާއެކު މާނަވީ ގުޅުމެއް ބިނާކުރުމަށް ހަލުވިކަމާއެކު މަސައްކަތްތައް ކުރަމުންދާކަން ޖެނެރަލް ކޮންފަރެންސްގައި ރާއްޖެއިން ދިން ތަޤުރީރުގައި އެމްބެސެޑަރ ޑރ ސަލްމާ ފާހަގަކުރެއްވިއެވެ. އަދި، މި މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ރާއްޖެ އިން އިސްކަންދޭ ކަންކަމުގެ މައްޗަށާއި، މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވަމުން އަންނަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ކުރިމަތިވާ ޚާއްސަ ހާލަތްތަކަށް ރިއާޔަތްކޮށްގެންކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އައި.އޭ.އީ.އޭ.ގެ އައު މެންބަރެއްގެ ގޮތުގައި ގުޅުނު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއް ކަމަށްވާ ޓިމޯ-ލެސްޓޭއަށް އެކަމަނާ މަރުހަބާ ދެންނެވިއެވެ.

އަދި، އައި.އޭ.އީ.އޭ. ގެ ރޭސް އޮފް ހޯޕް އިނީޝިއޭޓިވްގެ މެދުވެރިކޮށް ކެންސަރުގެ ފަރުވާއާ ގުޅިގެން ރާއްޖެއިން ދޭ އިސްކަން ކަންތައްތައް، ވަކިން ޚާއްސަކޮށް ރާއްޖޭގެ ފުރަތަމަ ނޭޝަނަލް ކެންސަރު ހޮސްޕިޓަލަށް ބޭނުންވާނެ ގާބިލުކަން އިތުރުކުރުމާއި، ރޭޑިއޭޝަން ރައްކާތެރިކަމާބެހޭ ގަވާއިދުތައް ހަރުދަނާކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މީގެއިތުރުން، ކަންޓްރީ ޕްރޮގްރާމް ފްރޭމްވޯކް ގެ ޒަރީއާއިން ރާއްޖެއިން އައި.އޭ.އީ.އޭ. ގައި އިސްކަންދޭ ކަންކަން އިތުރަށް ތަފްސީލުކޮށްދިނުމަށް އުންމީދުކުރާކަން ފާހަގަކުރައްވައި، ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ސުލްހަވެރި، ރައްކާތެރި އަދި އަމާންގޮތެއްގައި ބޭނުންކުރުމަށް ރާއްޖެއިން ބާރުއަޅާކަން އެކަމަނާ ތަކުރާރުކުރެއްވިއެވެ.

އައި.އޭ.އީ.އޭގެ ޖެނެރަލް ކޮންފަރެންސަކީ އެ އެޖެންސީގެ ސިޔާސަތުތައް ކަނޑައަޅާ މައިގަނޑު ފޯރަމެވެ. މި ފޯރަމްގައި ކޮންމެ އަހަރަކުވެސް ހުރިހާ މެންބަރު ގައުމުތަކެއް އެއްވެ، އައި.އޭ.އީ.އޭ. އިން ކުރާ މަސައްކަތްތައް މުރާޖަޢާކޮށް، އެޖެންސީގެ ބަޖެޓާއި ޕްރޮގްރާމްތައް ފާސްކުރެއެވެ. އަދި ނިއުކްލިއަރ ސައިންސާއި ޓެކްނޮލޮޖީ ސުލްހަވެރި ބޭނުންތަކަށް ބޭނުންކުރުމުގެ އިތުރުން، ނިއުކްލިއަރ ރައްކާތެރިކަމާއި، އަމާންކަމާއި، އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާބެހޭ ސިޔާސަތުތައް ކަނޑައަޅައެވެ. މިއީ 4 ޑިސެމްބަރ 2025 ގައި ރާއްޖެއިން މި ޖަމުޢިއްޔާގެ މެންބަރަކަށް ވީ ފަހުން، ޖެނެރަލް ކޮންފަރެންސްގެ ސެޝަނެއްގައި މެންބަރު ގައުމެއްގެ ހައިސިއްޔަތުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
