logo
banner image

ސިޑްސް ގްލޯބަލް ލީޑަރޝިޕް ޓްރެއިނިންގ ކޯހުގައި ރާނިޔާ ޙުސްނުއްސުޢޫދު ބައިވެރިވެވަޑައިގަންނަވަނީ

މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސަތުތައް އެކަށައެޅުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ، 2026-27 ވަނަ އަހަރުގެ "އެޑްވާންސްޑް ނޮލެޖް ފޮރ ސިޑްސް ގްލޯބަލް ލީޑަރޝިޕް" ތަމްރީނު ކޯހުގައި ރާއްޖޭގެ ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ، އަލްފާޟިލާ ރާނިޔާ ޙުސްނުއްސުޢޫދު ބައިވެރިވެވަޑައިގެންފިއެވެ.

މި ޕްރޮގްރާމަކީ އޯޑީއައި ގްލޯބަލްގެ "ރެޒިލިއަންޓް އެންޑް ސަސްޓެއިނަބަލް އައިލެންޑްސް އިނީޝިއޭޓިވް" އަދި މޯލްޓާ ޔުނިވަރސިޓީގެ "އައިލެންޑްސް އެންޑް ސްމޯލް ސްޓޭޓްސް އިންސްޓިޓިއުޓް" ގުޅިގެން ހިންގާ ފަސް ދުވަހުގެ ކޯހަކުން ފެށިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާ ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ދާއިރާގެ ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، އެ ޤައުމުތަކަށް ޚާއްޞަ މަޢުލޫމާތާއި ހުނަރު އިތުރަށް ހަރުދަނާކުރުމެވެ. މީގެއިތުރުން، އެކި ޤައުމުތަކުގެ ތަޖުރިބާ ޙިއްޞާކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ ފުރުޞަތު މި ޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ޤައުމީ މޫސުމީ ސިޔާސަތުތައް އެކަށައެޅުމުގެ މަސައްކަތްތަކަށާއި، ބައިނަލްއަޤްވާމީ މޫސުމީ މަޝްވަރާތަކާއި ހަރަކާތްތަކުގައި ރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް އަދި އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.