މި އަހަރު އޮގަސްޓް މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތަފާސްހިސާބުތައް
2026 ވަނަ އަހަރުގެ އޮގަސްޓް މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 19 މައްސަލައެއް ވަނީ އޮގަސްޓް މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 16 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 03 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 15 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 15 މައްސަލައެކެވެ.
ހަމައެހެންމެ، މީގެ ތެރޭގައި ޖިންސީ ހާނިއްކަ ކުރުމުގެ 09 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 04 މައްސަލަ، އިހުމާލު ވުމުގެ 01 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 01 މައްސަލަ އަދި ނުރުހުމުގައި ނުވަތަ އިޚްތިޔާރާ ދެކޮޅަށް މިނިވަންކަން ހަނިކުރުން ނުވަތަ ހިފެހެއްޓުމުގެ 01 މައްސަލައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 45 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 05 މައްސަލައެކެވެ.
