logo
banner image

ހުޅުމާލޭގައި އަލަށް ޤާއިމުކުރި 5،000 ޓަނުގެ އާރުއޯ ފެސިލިޓީގެ މަސައްކަތްތައް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ވެރިން ބައްލަވާލައްވައިފި

ހުޅުމާލެ ފޭސް 1 ގައި އަލަށް ޤާއިމުކުރެވުނު ދުވާލަކު 5،000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ ރިވާސް އޮސްމޯސިސް (އާރުއޯ) ފެސިލިޓީގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިސް ވެރިންގެ ޓީމަކުން މިއަދު ސައިޓަށް ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިޝް ޔޫސުފާއި، ޑެޕިއުޓީ މިނިސްޓަރު އަޝްރަފް ނޫމާންގެ އިތުރުން ވޯޓާ އެންޑް ސެވަރޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު މުޞްޠަފާއެވެ.

މި ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

މިނިސްޓްރީގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ފެސިލިޓީގެ މަސައްކަތްތައް ފުރިހަމަކޮށް، ޓެސްޓުކުރުމަށްފަހު މިހާރު ވަނީ ކާމިޔާބުކަމާއެކު ޚިދުމަތް ދޭން ފަށާފައެވެ. މީގެއިތުރުން، އެމްޑަބްލިޔުއެސްސީން އިތުރު 5،000 ޓަނުގެ އާރުއޯ ފެސިލިޓީއެއް ވެސް އިންސްޓޯލްކޮށްފައިވާ ކަމަށާއި، އެ ފެސިލިޓީގެ ޓެސްޓިން އަދި ކޮމިޝަނިންގ މަރުޙަލާގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަން އޮފިޝަލުން ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމައި، ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ލިބިދިނުމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓުންނާއި ޓެކްނިކަލް ޓީމުން ދެއްކެވި ހީވާގިކަމާއި ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓްރީގެ ވެރިން ވަނީ އެ ކުންފުންޏަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.