ބާކޫ ކްލައިމެޓް އެކްޝަން ވީކް 2026 ގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ
އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ "ބާކޫ ކްލައިމެޓް އެކްޝަން ވީކް 2026" ގައި ދިވެހިރާއްޖޭގެ ފަރާތުން ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވަން ފަށްޓަވައިފިއެވެ.

މި ބައްދަލުވުމަކީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 އިން 11 ގެ ނިޔަލަށް ބާކޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތެކެވެ. މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ މި އިވެންޓުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް މަންދޫބުންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ހަރަކާތުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަން ހާމަކޮށްދޭ ކަމެކެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހަރުދަނާ އަދި އެދެވޭ ޙައްލުތަކެއް ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން މި ބައިވެރިވުމުން ރަމްޒުކޮށްދެއެވެ.

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އެއް ޤައުމަށް ވުމާއެކު، ބައިނަލްއަޤްވާމީ މިފަދަ މަންސަތަކުގައި ބައިވެރިވެ، ދުނިޔޭގެ ސަމާލުކަމަށް މި މައްސަލަތައް ގެނައުމަކީ ރާއްޖެއިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.
