ތ. ކަނޑޫދޫ ކައުންސިލާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ތ. ކަނޑޫދޫ ކައުންސިލާ ބައްދަލުކޮށް، އެ ރަށަށް ދިމާވެފައިވާ ތިމާވެށީގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަނޑޫދޫގެ ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި، ފެނުގެ ޚިދުމަތާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށެވެ. މީގެއިތުރުން ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް މި ދާއިރާތަކުން ހައްލު ހޯދުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

މި ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ކަމާބެހޭ އެކި ޑިޕާޓްމަންޓްތަކުގެ އިސް ވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން ޖަވާބުދާރީވެ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓްރީގެ ފަރާތުން ކައުންސިލާ ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމަކީ ރަށްރަށުގެ ތިމާވެށްޓާ ގުޅުންހުރި އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ކައުންސިލްތަކާ ގާތުން މަސައްކަތްކުރުމަށް މިނިސްޓްރީން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
