logo
banner image

ނައިފަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ނޮދަން އޭރިއާ ކޮމާންޑުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އިޤްރާ އިންޓަނޭޝަނަލް ސްކޫލުގެ 10ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅ. ނައިފަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބައިވެރިވެ، ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

​ޅ. ނައިފަރު ފުޓުބޯޅަ ދަނޑުގައި ސެޕްޓެންބަރު 5ވަނަ ދުވަހުގެ ހަވީރު ބޭއްވި މި ހަވީރުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންގެ ފަރާތުން ވަނީ ކުޑަކުދިންނާ ގުޅޭ ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، ސިފައިންގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދީ، ސިފައިން ބޭނުންކުރާ ބައެއް ވަސީލަތްތައް ދައްކާލުމުގެ އިތުރުން ސިފައިންގެ ޔުނީފޯމްގައި ފޮޓޯނެގުމާއި ކެމަފްލާޖްކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

​ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވި މި ހަވީރަކީ، ވަރަށް ފޯރިއާ އެކު ކާމިޔާބުކަމާއެކު ކުރިއަށްދިޔަ ހަރަކާތެކެވެ.

​މިފަދަ ހަރަކާތްތައް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ކުޑަކުދިންގެ އުފަލުގައި ސިފައިން ބައިވެރިވެ، އުފާވެރި މާހައުލެއްގެ ތެރެއިން ކުޑަކުދިންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުމާއި ލޯބި އިތުރަށް ބަދަހިކުރުމެވެ.