ވަޒީރު އަލީ ޝަރީފް ސައުދީ ސަފީރާ ބައްދަލުކުރައްވައިފި
ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު (އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ) ހިޒް އެކްސެލެންސީ ޔަޙްޔާ އަލްޤަޙްޠާނީއާ، މިނިސްޓަރ އަލީ ޝަރީފް މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ޚާއްޞަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި (ކްލައިމެޓް ރެޒިލިއަންސް)، އިޔާދަކުރަނިވި ހަކަތަ (ރިނިއުއަބަލް އެނާޖީ) ފުޅާކުރުމާއި، ތިމާވެށްޓާ ގުޅުންހުރި މަޢުލޫމާތާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމަށް ފައިދާހުރި މިފަދަ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ދެފަރާތުންވެސް ފާޅުކުރެއްވިއެވެ.
