ތިމާވެއްޓާ ބެހޭ ވުޒާރާއިން ނޮޅިވަރަމް ކައުންސިލާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހދ. ނޮޅިވަރަމް ކައުންސިލާ އެކު އެ ރަށުގެ ތިމާވެށްޓާ ގުޅުންހުރި މުހިންމު ކަންކަމާ މެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ނޮޅިވަރަމަށް މިހާރު ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ މައްޗަށެވެ. އެގޮތުން، ރަށުގެ ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި، ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ނޮޅިވަރަމްގެ ކަނޑޫފަލުގެ ގަސްތައް މަރުވަމުންދާ މައްސަލައާއި، އެ ރަށުގެ ކުޅި ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ރަށަށް ދިމާވެފައިވާ ތިމާވެށީގެ އެކި ގޮންޖެހުންތަކަށް އެކަށީގެންވާ ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައި، އެކަންކަން ޙައްލުކުރުމަށްޓަކައި ވުޒާރާއާއި ކައުންސިލް ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހަލުވިކުރުމެވެ.
