ވަޒީރު ރާފިޢު، ރ.ދުވާފަރު ކައުންސިލާ ބައްދަލުކުރައްވައިފި
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު، ރ.ދުވާފަރު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި މި ވުޒާރާގެ އިސްވެރިންނާއި ދުވާފަރު ކައުންސިލް މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅިވަރު ވުޒާރާ އިން ދުވާފަރުގައި ކުރިއަށް ގެންދާ މަޝްރުއުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެ ރަށުގައި ކުޅިވަރުތައް ކުރިއަރުވަން ކައުންސިލްގެ ހުރި ވިސްނުން ވަޒީރާ ހިއްސާކޮށް މިވަގުތު ދުވާފަރުގައި ހުރި ކުޅިވަރުގެ ވަސީލަތްތަކާއި ގުޅޭ މައުލޫމާތު ކައުންސިލުން ވަޒީރަށް ދެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ދުވާފަރު ކައުންސިލުން އެދިވަޑައިގަންނަވާފައިވާ ގޮތަށް އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތައް ހުއްޓުމެއްނެތި، ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.
