logo
banner image

ކަނޑުދަތުރުފަތުރުގެ ދާއިރާގެ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ދެމެހެއްޓެނިވި ގޮތެއްގައި ކުނި އަދި ކެމިކަލް މެނޭޖުކުރުމަށް ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ހިންގާ "އައިލެންޑްސް" (ISLANDS) ޕްރޮޖެކްޓުގެ ދަށުން، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގައި އުފެދޭ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ޚާއްޞަ ފޯކަސް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި ދާއިރާއާ ގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުންގެ ބައިވެރިވުމާއެކުގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ކުނި މެނޭޖުކުރުމުގައި މިހާރު ދިމާވަމުންދާ މައިގަނޑު ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އަމަލީ ގޮތުން ހައްލު ހޯދޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

މި ބައްދަލުވުމަކީ ދާއިރާގެ ހުރިހާ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވެ، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާއި، ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

"އިމްޕްލިމެންޓިންގ ސަސްޓެއިނަބަލް ލޯ އެންޑް ނޮން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް" (އައިލެންޑްސް) ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ގެއްލުންހުރި ކެމިކަލްތަކާއި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.