އިންޖިނިއަރިން ދާއިރާއިން ކިޔަވާ ދަރިވަރުން މަދުވުމަކީ ގޮންޖެހުމެއް: މިނިސްޓަރ މުއްޠަލިބް
ދިވެހިރާއްޖޭގައި އިންޖިނިއަރިން ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް ދަށްވުން ކަމުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހަށް ހާއްސަކޮށް މިނިސްޓްރީން ގެނެސްދިން ''ފައިވް ކުއެޝަންސް ވިތް އޭން އިންޖިނިއާ" ގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް ލަންޑަނުން ފިލޯސޮފީ އިން ސިވިލް އިންޖިނިއަރިން ހާސިލުކުރައްވައިފައިވާ މިނިސްޓަރު މުއްޠަލިބް ވިދާޅުވީ ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ވެސް އެ ދާއިރާއިން ކިޔަވަނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމީ ޔުނިވާސިޓީގައި އިންޖިނިއަރިންގެ ކޯސްތައް ހިންގުމަށް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ނުލިބޭއިރު، އޭލެވެލް ފުރިހަމަކުރާ ދަރިވަރުން އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިނުވުމަކީ ގައުމީ ފެންވަރުގައި ހައްލު ހޯދަންޖެހިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ އިންޖިނިއަރިން ކޯސް ފެށުމަށް ބޭނުންވާ ވަރަށް ކުދިން ނުލިބޭ، އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދިޔުމަށްޓަކައި އޭލެވެލް ނިންމާ ކުދިން ބޭނުންނުވާ މައްސަލަ، މިއީ ރާއްޖެއަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް، ހައްލުކުރަންވެސް ޖެހޭ
މީގެއިތުރުން، އިންޖިނިއަރެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވަނީ ސިނަމާލެ ބްރިޖުގެ މަޝްރޫއު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެ މަޝްރޫޢު ހިންގެވުމުގައި އިސް ދައުރެއް އަދާކުރަން ފުރުޞަތު ލިބިވަޑައިގަތުމަކީ ނުހަނު ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
