އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ބޭއްވި ހަވީރަށް ބޮޑު ތަރުހީބެއް
މި އަހަރުގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މިނިސްޓްރީއާ ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 16:00 އިން ރޭގަނޑު 21:00 އަށް ކުރިއަށްދިޔަ މި ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑ އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މިނިސްޓަރުގެ އަރިހުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޒިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

ޒުވާން ޖީލުގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ހުރި ޝައުގުވެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ މި ހަވީރުގައި ހާއްސަ ސްޓޯލްތަކެއް ބެހެއްޓިއެވެ. މި ސްޓޯލްތަކުގެ ޒަރީއާއިން އިންޖިނިއަރިންއާ ގުޅުންހުރި ތަފާތު އިލްމީ އަދި މަޖާ ހަރަކާތްތައް އަމަލީގޮތުން ތަޖުރިބާކޮށް، އެ މުއައްސަސާތަކުގެ އިންޖިނިއަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ކުޑަކުދިންނަށާއި އާންމުންނަށް ލިބިގެންދިޔައެވެ.

މި ހަވީރުގައި ބައިވެރިވި ފަރާތްތަކަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (މޯލްޑިވިއަން)، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް / ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އެވެ.
