ހުޅުދުއްފާރުގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން އެ ރަށު ކައުންސިލާ މަޝްވަރާކޮށްފި
ރ. ހުޅުދުއްފާރުގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ރަށުގެ ތިމާވެއްޓާއި ހަކަތައާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހުޅުދުއްފާރު ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހުޅުދުއްފާރުގައި މިހާރު ހުރި ކުނި މެނޭޖްކުރާ މަރުކަޒުގެ ފެންވަރު މަތިކޮށް، ޒަމާނީ ވަސީލަތްތަކާއެކު އެތަން ތަރައްޤީ ކުރުމާ ގުޅޭގޮތުންނެވެ. އަދި ރަށުގެ ފެނާއި ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ހަކަތައިގެ ދާއިރާއިން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ވެސް ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، ހުޅުދުއްފާރުގެ ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމަށް (ގޮނޑުދޮށް ހިމާޔަތްކުރުމަށް) ބޭނުންވާ ކަންކަމާ ގުޅޭގޮތުންނާއި، މިނިސްޓްރީގެ ދަށުން އެ ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ކުރިއަށް ރޭވިފައިވާ ތިމާވެށީގެ އެކި މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ މަޢުލޫމާތު އޮޅުންފިލުވާފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ރަށްރަށުގެ ކައުންސިލްތަކާ ގާތުން މަސައްކަތްކޮށް، ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ޤާއިމުކޮށް، ރައްޔިތުންނަށް ދިމާވާ ތިމާވެށީގެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށެވެ.
