logo
banner image

ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ކުނި މެނޭޖުކުރުމުގެ ގޮންޖެހުންތަކާ ގުޅޭގޮތުން ތުވާލޫގެ ވަފުދަކާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިސް ވެރިންގެ ޓީމަކުން، ތުވާލޫގެ ބޮޑުވަޒީރުގެ ނައިބު އަދި ފިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު، އޮނަރަބަލް ޕަނަޕާސީ ނެލެސޯން އާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީ ގެ ސްޓޭޓް މިނިސްޓަރު ފާއިޒްއެވެ.

މި ބައްދަލުވުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުނި މެނޭޖުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާއިން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށް ކުރިމަތިވާ ބިމުގެ ދަތިކަމާއި، ރަށްތައް ވަކިވަކިން އެކަހެރިކޮށް އުފެދިފައި އޮތުމުގެ ސަބަބުން ދިމާވާ ލޮޖިސްޓިކްސްގެ ދަތިތައް ހައްލުކުރުމަށް ދެ ޤައުމުގެ ތަޖުރިބާ ހިއްސާކޮށް، އެކަންކަމަށް ގެންގުޅެވިދާނެ ހައްލުތަކާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ.

މި ބައްދަލުވުމުގެ ސަބަބުން ތިމާވެށީގެ ގޮތުން އެއްގޮތް ގޮންޖެހުންތަކެއް ހުރި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.