logo
banner image

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކޮށްފި

ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީއެވެ.

މި ބިލުގައި އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި، ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ.

ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމުގެ ބާރު ކުރިއެކޭ އެއްގޮތަށް ލިބިފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް ރައީސް އަށް ފަޅުރަށްތައް އެކަށައެޅޭނީ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ.

ބިލުގައިވާ ގޮތުން، އެކި ބޭނުންތަކަށް ކަނޑައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާގޮތަށް ހަމަޖެއްސޭނެ އެވެ. އަދި ވަރުވާއަށް ދޫކުރެވޭނީ ވަކި ބޭނުމަކަށް ހާއްސަކޮށްފައިނުވާ ރަށްތަކެއް ކަމަށާއި، ވަރުވާއަށް ދޫކުރާ މުއްދަތަކީ ގިނަވެގެން 5 އަހަރު ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ގާނޫނާއި ހިލާފު ކަމެއް ކޮށްފިނަމަ ފަސްލައްކަ ރުފިޔާއަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ކުއްޔަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ގާނޫނާ ހިލާފު ކަމެއް ހިންގައިފިނަމަ އެއް މިލިޔަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިގެންވެއެވެ.