އޮޑިޓަރ ޖެނެރަލް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒު، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިސް ވެރިންނާ އެކު މިއަދު ތިލަފުށީގެ ކުނި މެނޭޖްކުރާ މަރުކަޒަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތަކީ ތިލަފުށީގައި މިހާރު ކުރިއަށްދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުންޏާއި ވަސީލަތްތައް ބެލެހެއްޓުމުގައި ބޭނުންކުރަމުންދާ ނިޒާމުތަކާއި އިޖުރާއަތްތައް ގާތުން ބައްލަވައި، އެކަންކަމާ ގުޅޭ މަޢުލޫމާތު ހޯއްދެވުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
މީގެއިތުރުން، މި ޒިޔާރަތުގައި ތިލަފުށީގައި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށްޓަކައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ވެސް ޓީމުގެ ބޭފުޅުން ވަނީ ބައްލަވާލައްވައި، މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދެވޭ ޚިދުމަތްތަކާއި ޤާއިމުކުރެވިފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތެއްގައި ޒިންމާދާރުކަން އިތުރުކުރުމަށް އެ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުންދާނެއެވެ. އަދި މިފަދަ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަކީ ސާފުތާހިރު، ދެމެހެއްޓެނިވި ވެއްޓެއް އޮތް ޤައުމަކަށް ހެދުމަށް އެއްބާރުލުން ދިނުމެވެ.
