މިނިސްޓަރ ޢަލީ ޝަރީފް، މިޑްލް އީސްޓް ގްރީން އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި
މޮންގޯލިއާގެ އުލާންބާތާގައި މިހާރު ކުރިއަށްދާ ޔޫ.އެން.ސީ.ސީ.ޑީ ކޮޕް17 (UNCCD COP17) ސަމިޓުގެ ހަވާސާގައި، ދިވެހިރާއްޖޭގެ މިނިސްޓަރ ޢަލީ ޝަރީފް، މިޑްލް އީސްޓް ގްރީން އިނިޝިއޭޓިވް (އެމް.ޖީ.އައި) ގެ ސެކްރެޓަރީ ޖެނެރަލް އިންޖިނިއަރ އިބްރާހީމް އަލްތުރްކީއާ ބައްދަލުކުރައްވައިފިއެވެ.
މިއީ މި ދެ ބޭފުޅުންގެ މެދުގައި ބޭއްވުނު ތަޢާރަފުވުމުގެ މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެމް.ޖީ.އައި އިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއި، ތިމާވެށްޓާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ދެފަރާތުގެ ދެމެދުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާއި، ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މިޑްލް އީސްޓް ގްރީން އިނިޝިއޭޓިވް އަކީ ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމުގެ މަތިން ތަޢާރަފުކޮށްފައިވާ ސަރަޙައްދީ މުހިންމު ޕްލެޓްފޯމެކެވެ. މި އިނިޝިއޭޓިވްގެ މައިގަނޑު މަޤްޞަދަކީ ބިން ހަލާކުވުމާއި ގިރައިގެން ދިއުން ހުއްޓުވުމާއި، ގަސްގަހާގެހި އަލުން އިންދައި ފެހިކަން އިތުރުކުރުމެވެ. އަދި ޢިލްމާއި ހުނަރު ޙިއްޞާކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ ބައިވެރިވުންތައް ވަރުގަދަކޮށް މޫސުމީ ބަދަލުތަކަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްވެސް މި ޕްލެޓްފޯމުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ބައްދަލުވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު އެއްބާރުލުމާއި ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
