logo
banner image

ކުދި ޖަޒީރާ ޤައުމުތަކުގެ ބިން ހަލާކުވުމުގެ މައްސަލަތައް ހައްލުކުރުމަށް މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: މިނިސްޓަރ ޢަލީ ޝަރީފް

ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ބިން ހަލާކުވުމާއި ގިރުމުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

އދ. ގެ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ ކޮޕް17 ގެ ހައި-ލެވެލް ސެގްމަންޓުގެ 'ފައިނޭންސް ޑޭ' ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ބިމަށް ލިބޭ ގެއްލުންތަކަކީ ހަމައެކަނި ހަނަފަސް ބިންތަކަށް ޚާއްޞަކޮށްފައިވާ އޮނިގަނޑުތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެ ފަދަ ބިން ތިރި ޤައުމުތަކުގައި ގޮނޑުދޮށް ގިރުމާއި، ބިމުގެ ފެން ފަށަލައަށް ލޮނުއެޅުމުގެ ސަބަބުން ބިން ހަލާކުވުމަކީ ނުރައްކާތެރި މިންވަރަކަށް އިތުރުވަމުންދާ މައްސަލަތަކެއް ކަމުގައި ވިދާޅުވިއެވެ. ނަމަވެސް، މިހާރު ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މާލީ އޮނިގަނޑުތަކުގައި މިފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގޮނޑުދޮށްތަކާއި ބިންތައް ހަލާކުވަމުންދާ މައްސަލައިގެ ނާޒުކުކަން ބަލައިގަނެ، ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ފަސޭހައިން ލިބޭނެ ފަދަ މާލީ ނިޒާމުތަކެއް ޤާއިމުކުރުމަށް މިނިސްޓަރ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އަދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ޙާލަތްތަކާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ 'ބްލޫ-ގްރީން' ފައިނޭންސްގެ ވަސީލަތްތައް ފުޅާކުރުމަކީ މިކަމަށް އޮތް މުހިންމު ހައްލެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.