ދިވެހިރާއްޖޭގެ ކްލައިމެޓް އިންވެސްޓްމަންޓް ޕްރޮފައިލް ގްރީން ޓެކްނޮލޮޖީ ކުންފުނިތަކާ ހިއްސާކޮށްފި
ދިވެހިރާއްޖޭގެ ތިމާވެށްޓާ ރައްޓެހި އަދި ކާބަން މަދު ތަރައްޤީއަށް އަމާޒުކޮށްގެން ބޭއްވި ސެމިނާގެ ތެރެއިން، ރާއްޖޭގެ "ކްލައިމެޓް އިންވެސްޓްމަންޓް ޕްރޮފައިލް" ގްރީން ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ހިއްސާކޮށްފިއެވެ.

މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ "ސެމިނާ އޮން ގްރީން އެންޑް ލޯ-ކާބަން ޑިވެލޮޕްމަންޓް ފޯ މޯލްޑިވްސް" ގެ ތެރެއިން ކުރިއަށްދިޔަ އެންޓަޕްރައިޒް އެކްސްޗޭންޖް ސެޝަންގައެވެ. ދިވެހި ވަފުދުގެ ފަރާތުން މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ސީނިއާ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރު އަޙްމަދު މަޢުސޫމެވެ.
މި ސެޝަންގައި އަޙްމަދު މަޢުސޫމް ވަނީ ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ. އަދި ފެހި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ބައިވެރިވި ކުންފުނިތަކަށް މައުލޫމާތު އަރުވާފައިވެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކުރިއަރާފައިވާ ގްރީން ޓެކްނޮލޮޖީ ކުންފުނިތަކާއެކު ގުޅުން ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ ތިމާވެށްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުމެވެ. މި ސެމިނާގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
