އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފި
ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޤާއިމުކުރަމުންދާ ނިޒާމުތައް ހިންގުމާއި ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރަށްރަށުގައި އަލަށް ޤާއިމުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް ސިސްޓަމްތައް އަމަލީ ގޮތުން ހިންގާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ރ. އަތޮޅާއި ބ. އަތޮޅުގެ ބްރާންޗްތަކުގެ މުވައްޒަފުންގެ އިތުރުން، ސްޓެލްކޯ (STELCO) އަދި ފެނަކަ (FENAKA) ގެ ހެޑް އޮފީހުގެ ޓީމުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަލަށް ތަޢާރަފުކުރެވުނު ހައިބްރިޑް އެނާޖީ ސިސްޓަމްތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކޮށް، ދިމާވެދާނެ މައްސަލަތައް ހައްލުކުރުމުގެ ޢަމަލީ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ދިވެހި މުވައްޒަފުންނަށް ހޯދައިދިނުމެވެ.

މިފަދަ ތަމްރީނުތަކުގެ ސަބަބުން ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
