ޓީ.ޖީ.އެސް.ޓީ އަށް ލިބުނު ކުރިއެރުމާއެކު ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީއަށް 10.4 އިންސައްތައިގެ އިތުރުވުމެއް
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ އިތުރުވުމެކެވެ. ފާއިތުވެދިޔަ ހަފުތާގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އެވެ.
ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ޖުމްލަ 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 13 އޯގަސްޓް 2025 އާ ހަމައަށް ލިބުނު 6.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 447.1 މިލިއަން ރުފިޔާ ނުވަތަ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖުމްލަ ޓެކްސް (ޖީ.އެސް.ޓީ) އާމްދަނީ 9.9 ބިލިއަން ރުފިޔާއިން 10.7 ބިލިއަން ރުފިޔާއަށް ނުވަތަ (7.9 އިންސައްތަ އިތުރުވެފައިވާއިރު، އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ) އާމްދަނީ ވަނީ 3.1 ބިލިއަން ރުފިޔާއިން 3.5 ބިލިއަން ރުފިޔާއަށް ނުވަތަ 10.8 އިންސައްތަ މަތިވެފައެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 18.8 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 21.1 ބިލިއަން ރުފިޔާ ނުވަތަ 11.9 އިންސައްތަ އިތުރަށް ލިބިފައެވެ. ވިޔަފާރި ފައިދާއިނ ނަގާ ޓެކްސް 4.5 ބިލިއަން ރުފިޔާއިން 5.4 ބިލިއަން ރުފިޔާއަށް ނުވަތަ 20.6 އިންސައްތަ އިތުރުވެފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 1.8 ބިލިއަން ރުފިޔާއިން 2.1 ބިލިއަން ރުފިޔާއަށް ނުވަތަ 16.4 އިންސައްތަ މަތިވެފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނުވަތަ 14.3 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ނުވަތަ 6.3 އިންސައްތަ އިތުރަށް ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ހަރުމުދަލުން ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއިން 1.7 ބިލިއަން ރުފިޔާއަށް ނުވަތަ 32.1 އިންސައްތަ އިތުރުވެފައިވާއިރު، މީގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ (10.7 އިންސައްތަ) ހިމެނެއެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނުވަތަ 15.4 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 242.1 މިލިއަން ރުފިޔާއިން 460.4 މިލިއަން ރުފިޔާއަށް ނުވަތަ 90.1 އިންސައްތަ މަތިވެފައެވެ.
ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 28.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 23.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ނުވަތަ 19.3 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް އެކްސްޕެންޑިޗާ 20.3 ބިލިއަން ރުފިޔާއިން 24.5 ބިލިއަން ރުފިޔާއަށް ނުވަތަ 20.9 އިންސައްތަ އިތުރުވެފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 3.3 ބިލިއަން ރުފިޔާއިން 3.6 ބިލިއަން ރުފިޔާއަށް ނުވަތަ 9.1 އިންސައްތަ މަތިވެފައެވެ.
ފާއިތުވެދިޔަ ހަފުތާގައި ހަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީގެ ގޮތުގައެވެ. އެގޮތުން ސަބްސިޑީއަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.5 ބިލިއަން ރުފިޔާ ނުވަތަ 78.4 އިންސައްތައިގެ އިތުރުވުމެކެވެ. އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ހަރަދު ވަނީ 5.6 ބިލިއަން ރުފިޔާއިން 8.1 ބިލިއަން ރުފިޔާއަށް ނުވަތަ 44.1 އިންސައްތަ މަތިވެފައެވެ. އާސަންދައަށް ކުރި ހަރަދު 1.4 ބިލިއަން ރުފިޔާއަށް ނުވަތަ 14.7 އިންސައްތަ މަތިވެފައިވާއިރު، އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް ނުވަތަ 58.4 އިންސައްތަ މަތިވެފައެވެ. މީގެ ތެރޭގައި އަދުލުއިންސާފުގެ ދާއިރާ މާލީގޮތުން މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ
މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ 8.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.2 އިންސައްތައިގެ އިތުރުވުމެކެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތައް 11.8 ބިލިއަން ރުފިޔާއިން 15.0 ބިލިއަން ރުފިޔާއަށް ނުވަތަ 27.4 އިންސައްތަ މަތިވެފައިވާއިރު، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ވަނީ 3.1 ބިލިއަން ރުފިޔާއިން 3.3 ބިލިއަން ރުފިޔާއަށް 9.1 އިންސައްތަ އިތުރުވެފައެވެ.
ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 800.0 މިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއަށް 46.2 އިންސައްތަ އިތުރުވެފައިވާއިރު، ހަރުމުދާ ހޯދުމަށް ކުރި ހަރަދު ވަނީ 378.1 މިލިއަން ރުފިޔާއިން 451.5 މިލިއަން ރުފިޔާއަށް 19.4 އިންސައްތަ މަތިވެފައެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ހަރަދުވެފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރު ހަރަދުކުރި 5.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ.
13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް ހުރީ 2.4 ބިލިއަން ރުފިޔާގައެވެ. ދައުލަތުގެ ބަޖެޓްގެ ޖުމްލަ ބެލެންސް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
