"ދެން ހުއްޓާލަމާ" ކެންޕޭން ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް މިއަދު ފަށައިފި
ދުންފަތް ކޮންޓްރޯ ކުރުމާބެހޭ ޤައުމީ ކެންޕޭން، "ދެން ހުއްޓާލަމާ"،ގެ ކެންޕޭން ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް މިއަދު ފަށައިފިއެވެ.
މި ވޯކްޝޮޕްގައި ތަންފީޒީ އިދާރާތަކާ، ހުއްޓާލުމަށް ސެޒޭޝަން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ، ތަޢުލީމީ ދާއިރާތަކާއި، ކުޅިވަރުގެ ދާއިރާއާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާ، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ނިޞްބަތްވާ ފަރާތްތަކުން ބައިވެރިވިއެވެ.
މިއަދުގެ މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީގެ އިތުރުން، ޔުނިސެފް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ފަރާތުންވެސް ވާހަކަ ދެއްކެވިއެވެ.
މިގޮތުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ، އާއްމު ޞިއްޙަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމާއި، މުޖްތަމަޢުގައި މިހާބޮޑަށް ފެތުރިފައިވާ މި މައްސައަކީ، ޤައުމީ މައްސަލއެއްކަމާއި، މިކަމުގައި މުޅި މުޖްތަމައު އެއްކޮށް ބައިވެރިވުމުގެ މުހިއްމުކަމާއި ސަރުކާރުގެ އިދާރާތަކުން އެކަނި ކުރާ މަސައްކަތުން މި މަސައްކަތް ކާމިޔާބު ނުކުރެވޭނެކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ދުންފަތް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ދޭ އަހައްމިއްޔަތު އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުން، މި ކެންޕޭން ކާމިޔާބު ކުރުމުގައި އެންމެން ގުޅިގެންމަސައްކަތް ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
"ދެން ހުއްޓާލަމާ" ކެމްޕޭން އިފްތިތާޙުކުރީ މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ޤައުމީ މި ކެމްޕޭންގެ ދަށުން، ހޭލުންތެރިކަން އިތުރުކުރުމާއި، ޤާނޫނާ ޤަވައިދު ތަންފީޒުކުރުމާއި، ސެޒޭޝަންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމާއި، އަދި ވަކިން ޚާއްޞަކޮށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެއްބާރުލުމާއި އެފަރާތްތަށް މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުމަށް ބާރުއަޅާ މިކަމަށް މަގުފަހިކުރުން ހިމެނޭއެވެ.
އަދި މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކަށް، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޙަރަކާތްތައް ހިންގުމަށް މާލީ އެހީ ދިނުމާއި އަދި އެފަރާތްތަކުން މިކަމުގައި ހޯދާ ކާމިޔާބީގެ މައްޗަށް ރިޢާޔަތްކޮށް، އެ ކާމިޔާބީއާއި ބައިވެރިވުމުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގެ އިނާމެއް ދިނުންވެސް މި ކެމްޕޭންގެ ބައެއްގެ ގޮތުގައި ހިމެނެއެވެ.
މިއަދު ބޭއްވި ސްޓޭކްހޯލްޑާރސް ވެލިޑޭޝަން ވޯކްޝޮޕަކީ، ކެމްޕޭންގެ ޕްލޭން އެކުލަވާލުމަށްޓަކައި، ޝާމިލުވާ އިދާރާތަކާ ޖަމްޢިއްޔާ ޖަމާޢަތްތަށް، ގްރޫޕްތަކަކަށް ބަހާލައިގެން "ފޯކަސް ގްރޫޕް ޑިސްކަށަން" ގެ ގޮތުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު، ކެމްޕޭން ޕްލޭންގެ ދެލިކޮޕީއެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށްޓަކައި ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ޕްލޭންގެ ދެލިކޮޕީއާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ޕްލޭން ފައިނަލް ކުރާއިރު ގެންނަންފެންނަ އިޞްލާހުތައް ބައިވެރިން ހުށަހެޅިއެވެ.
