މި އަހަރު ޖުލައި މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތަފާސްހިސާބުތައް
2026 ވަނަ އަހަރުގެ ޖުލައި މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 54 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 32 މައްސަލައެއް ވަނީ ޖުލައި މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 27 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 05 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 12 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 09 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 03 މައްސަލައެކެވެ.
ހަމައެހެންމެ، މީގެ ތެރޭގައި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 03 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 03 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 01 މައްސަލަ، މާލީ/ އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގެ ހުރަސްއެޅުމުގެ 01 މައްސަލަ، މުދާ ހިފެހެއްޓުމުގެ 01 މައްސަލަ އަދި މުދަލަށް ގެއްލުންދިނުމުގެ 01 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 45 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 09 މައްސަލައެކެވެ.
