logo
banner image

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެއްކޮށްލުމުން 10 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވިފައިވޭ: މާލީ ވަޒީރު

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން މަހަކު 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންގެ ޚަރަދާއި ކުންފުނި ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުން މަހަކު 10 މިލިއަން ރުފިޔާ ޚަރަދު ކުރަމުން އައިކަމަށެވެ.

ވަޒީރު ވިދާޅުވީ ގެއްލުމުގައި ހިނގަމުން އަންނަ ކުންފުނިތައް ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެއްކޮށްލުމަށް މާރޖާ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށެވެ. އެގޮތުން ސަރަހައްދީ އެއާޕޯޓްތައް ދެކޮޅުޖެހޭ ގޮތަކަށް ހިންގުމުގެ މަޤްޞަދުގައި، ދެ ކުންފުނި އެއްކޮށްލުމަށް ނިންމައި މާރޖާ އެންޑް ލިކުއިޑޭޝަން އެގްރިމެންޓްގައި 28 މެއި 2025 ގައި ވަނީ ސޮއިކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އެމްއޭސީއެލްގެ އެހީތެރިކަމާއެކު، ސަރަހައްދީ އެއަރޕޯޓްތަކުން ލިބޭ އާމްދަނީއިން އެ އެއަރޕޯޓްތައް ހިންގޭނެ ގޮތަށް ބައްޓަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައި ކަމަށެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް މަދުކުރުމުގެ މަސައްކަތުގެ ތެރެއިން 1 ކުންފުނި މިހާތަނަށް އުވާލެވިފައިވާއިރު، ލިކުއިޑޭޝަން މަރުހަލާގައިވެސް މި ވަގުތު 1 ކުންފުނި އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން (އެމްއެސްސީ) އުފެދުނު ދުވަހުން ފެށިގެން ކުންފުނި އުފެއްދި މަޤްޞަދުތައް ހާސިލުކުރުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތް ކުރެވިފައި ނުވާތީ، ސަރުކާރު ހިއްސާވާ ކުންފުނިތައް މަދުކުރުމާއި އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކުންފުނިތަކުގެ މައްސަލަ ހައްލުކުރުމުގެ ތެރެއިން އެމްއެސްސީ ވަނީ އުވާލާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކުންފުންޏަކީ ކުޅިވަރާ ބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާތީ، އެ ކުންފުނި އުވާލާފައިވަނީވެސް އެ ޤާނޫނަށް ގެނެވުނު ބަދަލެއްގެ ތެރެއިން ކަމަށާއި، ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ 12 މުވައްޒަފުން ކުޅިވަރާ ބެހޭ ވުޒާރާއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަކީވެސް އެކަށީގެންވާ ގޮތެއްގައި ހިނގަމުން އައި ކުންފުންޏަކަށް ނުވާތީ، 2 ސެޕްޓެމްބަރު 2024 ގައި ސަރުކާރުން ވަނީ އެ ކުންފުނި އުވާލުމަށް ނިންމާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ އޭރު އެ ކުންފުނީގައި 10 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ކަމަށާއި، ކުންފުނި އުވާލުމަށްޓަކައި ލިކުއިޑޭޓަރއެއް އައްޔަންކޮށް ލިކުއިޑޭޓް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.