600 މިލިއަން ރުފިޔާގެ އެސް.އެމް.އީ އިމްޕެކްޓް ފަންޑު މެދުވެރިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ސަރުކާރުން ފަހިކޮށްދީފި: މާލީ ވަޒީރު
ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުން އާމްދަނީ އާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 600 މިލިއަން ރުފިޔާގެ އެސް.އެމް.އީ އިމްޕެކްޓް ފަންޑު މެދުވެރިކޮށް ދިވެހި ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް އަމިއްލަ ވިޔަފާރިތައް ފެށުމަށާއި ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފުޅާކުރަމުންދާ ކަމަށް، މިިނިސްޓަރ އޮފް ފިނޭންސް އެންްޑް ޕަބްްލިކް އެންޓަރޕްރައިޒަސް، ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، "ކުމެވި" ނަމުގައި ސަރުކާރުން އުފެއްދި އެސް.އެމް.އީ އިމްޕެކްޓް ފަންޑަކީ ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ވަނުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް މަގުފަހިކޮށްދިނުމަށް ގާއިމުކުރި ފަންޑެއް ކަމަށެވެ. މި 600 މިލިއަން ރުފިޔާގެ ފަންޑުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ އެސް.އެމް.އީ ޑިޖިޓަލްއާ ގުޅިގެންނެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، މި މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ އަދި ހިންގުމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަމުންދާ ދަނޑިވަޅެއްގައި، އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެކެވެ. މި ސިޔާސަތުގެ މަގްސަދަކީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަޒީފާއަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިތައް އުފައްދައި އާމްދަނީ ހޯދުމުގެ ފުރުސަތު، ހާއްސަކޮށް ޒުވާނުންނަށް ފުޅާކޮށްދިނުމެވެ. ސަރުކާރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ގެންގުޅޭ ސިޔާސަތުތައް ތަފްސީލުކޮށްދެއްވަމުން މިނިސްޓަރ ވަނީ މި ފަންޑުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި އަހަރުތަކުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ސަބަބުން ކުންފުނިތަކަށާއި ދައުލަތުގެ ބަޖެޓަށް ބޮޑެތި ބުރަތަކެއް ވަނީ ކުރިމަތިވެފަ އެވެ. 2018 ވަނަ އަހަރު ސަރުކާރު ކުންފުނިތަކުގައި 18,676 މުވައްޒަފުން ތިބިއިރު، ނިމިދިޔަ ސަރުކާރު ނިމުނުއިރު އެ އަދަދު ވަނީ 36,729 އަށް އިތުރުވެފަ އެވެ. މިއީ އެ ފަސް އަހަރު ތެރޭގައި ގާތްގަނޑަކަށް 100 އިންސައްތައިގެ އިތުރުވުމެކެވެ. މިހާރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 41,667 އެވެ.
މިނިސްޓަރ ޒަރީރު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) މެދުވެރިކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ބެހެއްޓުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ. މީގެ ބޭނުމަކީ ހަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ މަގްސަދުތައް ހާސިލުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، ވަކިވަކި މުވައްޒަފުން ވަކިކުރުމަށް ނުވަތަ ކުންފުނިތަކުގެ ދުވަހުން ދުވަހަށް ނިންމާ ވަޒީފާއާ ގުޅޭ ނިންމުންތަކަށް މިނިސްޓްރީން ނުފޫޒު ނުފޯރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަކިކުރުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި، އެފަދަ އެންގުމެއް މިނިސްޓްރީން ދީފައި ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތާ އެކު، އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންނަށް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. 600 މިލިއަން ރުފިޔާގެ "ކުމެވި" ފަންޑުގެ މަގްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިވެރިންނަކީ ވަޒީފާ އުފައްދާ ބަޔަކަށް ހެދުމެވެ.
ސަރުކާރުގެ ކުންފުނިތައް އިސްލާހުކުރުމުގެ ޕްރޮގްރާމްގެ ދަށުން، މަގްސަދު ހާސިލުނުވާ ނުވަތަ ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ކުންފުނިތައް އުވާލުމާއި، އެއްކޮށްލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން މިހާރު ވަނީ އުވާލާފަ އެވެ. އަދި އެމް.އައި.ޓީ.ޑީ.ސީ އުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމް.އޭ.ސީ.އެލް އާ އެއްކޮށްލުމުން، މުވައްޒަފުންނާއި ހިންގުމުގެ ހަރަދުން މަހަކު 10 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ޒަރީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ކުންފުނިތަކުގެ ދެމެހެއްޓެނިވިކަން އިތުރުކުރުމާއެކު، އަމިއްލަ ވިޔަފާރިތައް މެދުވެރިކޮށް އިގްތިސާދުގައި ބައިވެރިވުމުގެ އިތުރު ދޮރުތައް ހުޅުވައިދިނުމެވެ. އެސް.އެމް.އީ އިމްޕެކްޓް ފަންޑަކީ ޒުވާނުންނަށް ބޭނުންވާ ރައުސްމާލު ފޯރުކޮށްދީ، ސަރުކާރުގެ ނިޒާމުން ބޭރުން ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
