logo
banner image

ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓްސައިޒް ކުރާއިރު މުވައްޒަފުން ވަކިކުރަމުންދަނީ ރިޑަންޑަންސީ ޕްލޭންތައް ހުށަހަޅައިގެން: މާލީ ވަޒީރު

ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓްސައިޒް ކުރާއިރު މުވައްޒަފުން މަދުކުރަމުންދަނީ ހާއްސަ ރިޑަންޑަންސީ ޕްލޭނެއްގެ ދަށުން ކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރި ނަމަވެސް، އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ އެކަމަށް ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އެގޮތުން، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް، އެ ފަރާތްތަކުން ޚިދުމަތްކޮށްދީފައިވާ މުއްދަތަށް ބަލައި ހައްގުވާ ރިޑަންޑަންސީ ޕެކޭޖު ފޯރުކޮށްދެމުންދާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

އެގޮތުން، އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ކުވެމި" ގެ ނަމުގައި ހާއްސަ ފަންޑެއް މިހާރު ވަނީ ގާއިމުކޮށްފައި ކަމަށާއި މިއީ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކުރެވުނު 600 މިލިއަން ރުފިޔާގެ ފަންޑެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ކުންފުނިތައް ރައިޓްސައިޒް ކުރާއިރު ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ކޮންމެ މީހަކު ވެސް އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވެގެން ޕްރޮޕޯސަލް ހުށަހެޅުމުން، މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.