logo
banner image

ކުޑަރިކިލުގެ ކުނި މެނޭޖްކުރުމާއި ހަކަތައިގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއާއި އެ ރަށު ކައުންސިލުން މަޝްވަރާކޮށްފި

ކުޑަރިކިލުގެ ކުނި މެނޭޖްކުރުމާއި ހަކަތައިގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއާއި އެ ރަށު ކައުންސިލުން މަޝްވަރާކޮށްފި

ބ. ކުޑަރިކިލުގައި ކުނި މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ރަށުގެ ހަކަތައާ ގުޅުންހުރި މުހިންމު ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ބ. ކުޑަރިކިލު ކައުންސިލާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޑަރިކިލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ހުރި ހުރަސްތަކާއި، އެކަންކަން ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ. މީގެއިތުރުން، ރަށުގެ ކަރަންޓުގެ ޚިދުމަތާއި ހަކަތައިގެ ދާއިރާއިން ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، ރަށްރަށުގެ ތިމާވެށްޓާއި ހަކަތައިގެ ކަންކަން ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ކުޑަރިކިލު ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ކުޑަރިކިލު ކައުންސިލްގެ މެންބަރުންނާއި މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.