logo
banner image

އޭދަފުށީގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މިނިސްޓަރ ޢަލީ ޝަރީފާއި ސްޓެލްކޯގެ އެމްޑީ ކައުންސިލާ ބައްދަލުކުރައްވައިފި

ބ. އޭދަފުށީގެ އަސާސީ ޔޫޓިލިޓީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމާ ގުޅޭގޮތުން، މިނިސްޓަރ ޢަލީ ޝަރީފާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު އަދި ސަރުކާރުގެ އިސް ވެރިން، އެ ރަށު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އޭދަފުށީގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ ވެއްޓެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ މުހިންމު ޚިދުމަތްތައް ހަރުދަނާކުރުމަށެވެ. އެގޮތުން ރަށުގެ ކަރަންޓުގެ ވިއުގަ ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ކައުންސިލާއި ކަމާބެހޭ އިސްވެރިންގެ މެދުގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުވުމަކީ އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.