އޭދަފުށީގައި ގާއިމުކުރި ސޯލާ އަދި ބެޓެރީ ސިސްޓަމް އިފްތިތާޙުކޮށްދެއްވައިފި
ބ. އޭދަފުށީގެ ކަރަންޓު ވިއުގައަށް އިޔާދަކުރަނިވި ހަކަތަ ގުޅާލުމުގެ ގޮތުން އެ ރަށުގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި 1.5 މެގަވޮޓް އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.

އޭދަފުށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، ރަށުގެ ސެންޓްރަލް ގްރިޑާ ގުޅައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފުއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޭދަފުއްޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި މަޝްރޫޢަކީ 'އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ' (އެރައިސް) މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދެވުނު މަސައްކަތެކެވެ. މި ފިޔަވަހީގެ ދަށުން ރާއްޖޭގެ 9 ރަށެއްގައި ސޯލާ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ނިމި ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށަކީ އޭދަފުށްޓެވެ.

އެރައިސް މަޝްރޫޢުގެ މި ފިޔަވަހީގެ ދަށުން ޖުމްލަ 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ސަބް-ޕްރޮޖެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ހަކަތަ އުފެއްދުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢެވެ.
މި ނިޒާމުގެ ސަބަބުން އޭދަފުށީގައި ކަރަންޓު އުފެއްދުމަށް އަންދާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. އަދި މިއީ ތެލަށް ކުރާ ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
