logo
banner image

ތިމާވެށި ރައްކާތެރިކުރުމުގެ ރޫޙު އާލާކުރުމަށް ނޭޝަނަލް ސަރވިސްގެ ބައިވެރިންނަށް ޚާއްޞަ ތަމްރީނުތަކެއް ދީފި

ރާއްޖޭގެ ޤުދުރަތީ ވެށްޓާއި ދިރުންތައް ހިމާޔަތްކޮށް، ތިމާވެށްޓަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ނޭޝަނަލް ސަރވިސް ޕްރޮގްރާމްގެ 3 ވަނަ ބެޗުގެ ބައިވެރިންނަށް ޚާއްޞަ ތިމާވެށީގެ މޮޑިއުލެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮގަސްޓު މަހުގެ 8 އިން 11 އަށް ޅ. މާފިލާފުށީގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 340 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީނު ސެޝަންތަކުގައި ދަރިވަރުންނަށް ވަނީ ތިމާވެށި ބެލެހެއްޓުމާއި، ރާއްޖޭގެ ޤުދުރަތީ ދިރުންތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީފައެވެ. މީގެއިތުރުން، ރަށްރަށުގައި ކުނި މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރާނެ ގޮތްތަކުގެ އިތުރުން، މާފިލާފުށްޓާ ކައިރީގައި އޮންނަ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމަށްވާ "މާކޯ" އަށް ޒިޔާރަތްކޮށް އެތަނުގެ ދިރުންތައް ދަރިވަރުން ވަނީ ތަޖުރިބާކޮށްފައެވެ.

ހަމައެއާއެކު، ދަރިވަރުން ދިރިއުޅޭ އަމިއްލަ ރަށްރަށުގެ ތިމާވެށީގެ ޙާލަތު ދެނެގަތުމަށާއި، ރަށްރަށުގެ ވެށި ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ޢަމަލީ ސަރވޭ ހަދާނެ ގޮތްތަކުގެ އުކުޅުތައްވެސް މި ސެޝަންގެ ތެރެއިން ވަނީ ދަސްކޮށްދީފައެވެ.

ކްލާސްރޫމުން ބޭރުން ލިބުނު މިފަދަ ޢަމަލީ ތަޖުރިބާތަކުގެ ސަބަބުން، ދަރިވަރުންގެ މެދުގައި ތިމާވެށްޓަށް އޮންނަ ލޯބި އިތުރުވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމުގައި ޒުވާނުންގެ ފުރިހަމަ ބައިވެރިވުން ލިބިގެންދާނެ ކަމަށް މި ޕްރޮގްރާމް އިންތިޒާމުކުރި ފަރާތުން އުންމީދުކުރެއެވެ.